ހަނިމާދޫ އެއާޕޯޓް ހަގީގަތަކަށް ހަދައިދިން ކަމަށްޓަކައި ސޯލިހުގެ ޝުކުރު މޯދީއަށް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހައްދަވައިދިން ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.
ވަރަށް ކުލަގަދަ ރަސްމިއްޔާތަކާ އެކު ރޭ ވަނީ އެ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފައެވެ. އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މޯދީގެ މަންދޫބެއްގެ ހައިސިއްޔަތުން މި ރަސްމިއްޔާތުގައި ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ވެސް ބައިވެރިވެވަޑައިގެންނެވ އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ މިއީ ތިލަދުންމަތީގެ ހަލުވި އިގްތިސޯދީ ތަރައްގީއަށް ބަދަލު ގެންނާނެ އެއާޕޯޓެއް ކަމަށެވެ.
މި އެއާޕޯޓާ އެކު ހަނިމާދޫގެ ފުޅާ އިގްތިސޯދީ އީކޯސިސްޓަމް ހަރުދަނާ ކުރަން ޖޭހޭ ކަމަށާއި، ވަކިން ހާއްސަކޮށް ފަތުރުވެރިކަން ފުޅާކޮށް، އާ ވިޔަފާރިތަކަށް އެ ސަރަހައްދުން ފުރުސަތު ހޯދައިދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މުހިންމު މަޝްރޫއު ހަގީގަތަކަށް ހެދިކަމަށް ޓަކައި ބޮޑުވަޒީރު މޯދީއަށާއި ދިވެހި ރައްޔިތުންނަށާއި އިންޑިއާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މި މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން، އިންޑިއާން އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރުގެ ލޯނަކުން ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.
