ފުލުހުންގެ ރެކޯޑު ހުންނަ ސިސްޓަމާ އޭސީޕީއަކު ކުޅެފައިވާކަމަށް ޝިފާން ތުހުމަތުކޮށްފި
ފުލުހުންގެ ރެކޯޑުތައް ހުންނަ ސިސްޓަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާންއާ ގުޅޭ ދޮގު މައުލޫމާތުތައް ވައްދާފައި ވަނީ އެ ހިދުމަތުގެ އެސިސްޓެންޓް ކޮމިޝަނަރެއްކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް އޭނާ އެދިވަޑައިގެންފިއެވެ.
ޝިފާންއާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއަށް ސީރިއަސް ތުހުމަތުތަކެއްކޮށް، ފުލުސް އޮފިސަރުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ސިޓީއެއް ފޮނުވައިފައެވެ.
އެ ސިޓީގައި ޝިފާނަށް ތުހުމަތުކޮށްފައި ވަނީ އޭނާގެ ދަށުން މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށާއި، ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގައިފައިވާ ކަމަށެވެ. އަދި، އެހެން އޮފީސްތަކުގެ އަންހެން އޮފިސަރުންނާ އެކު ވެސް އެ ފަދަ އަމަލު ހިންގާ ކަމުގެ ތުހުމަތުތައް ކޮށްފައި ވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޝިފާން ވަނީ ޗީފް އޮފް ޕޮލިސް، އިސްމާއިލް ނަވީނަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި އޭނާ ފާހަގަ ކުރައްވައިފައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސެޓެންޑާޑް ކޮމިޝަން (ޕީއެސްސީ)ގައި އޭނާއާ ގުޅޭގޮތުން ރެކޯޑުކޮށްފައިވާ ޒާތީ މައުލޫމާތައް އޭސީޕީއަކު ބަދަލު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އޭސީޕީއެއްކަން ފާހަގަކުރައްވައިފައެއް ނުވެއެވެ.
އެކަން މިދިޔަ މޭ މަހުގެ 29ވަނަ ދުވަހު ރަސްމީކޮށް ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާނެ ކަން ވެސް އެ ސިޓީގައި ޝިފާން ފާހަގަކުރައްވައިފައި ވެއެވެ.
އޭގެ އިތުރުން، އެ މައުލޫމާތު ރަސްމީ އިދާރާތަކަށާއި، ނޫސްތަކާ ހިއްސާކޮށްފައި ވަނީ އެ ސިސްޓަމުގެ އެކްސެސް އޮންނަ ފަރާތަކުން ކަމަށާއި، އެ މައްސަލަ ބަލައިދިނުމަށް ޝިފާން އެދިވަޑައިގެންފައިވެއެވެ.
މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅި މައްސަލައިގައި ފަރުހާދަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ދަރިއަކަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެކި ނައްތާލަން އުޅުން ހިމެނެއެވެ.

