ޑްރަގު ފެނުނު ލަންކާ ބޯޓުގައި ތިބި 5 މީހުން ހައްޔަރުކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓުގައި ތިބި ފަސް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްއެންޑީއެފުން އެ އުޅަނދު ބެލުމުގެ ދަށަށް ގެނެސް، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް އޭގައި ހުރުމުން، އެ އުޅަނދާއި އޭގައި ތިބި ފަސް މީހުން އިއްޔެ އެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި، މިއަދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އުޅަނދު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ގޯނި ފެނިފައިވާ ކަމަށެވެ. އޭގައި ހުރި 58.6 ކިލޯގެ ހެރޮއިންއާއި 297.3 ކިލޯގެ މެތަމްފެޓައިމްއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ލަންކާއަށް ނިސްބަތްވާ 36، 42، 28، 34 އަދި 63 އަހަރުގެ ފަސް ފިރިހެނުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ލަންކާގެ ނޭތީ، ލަންކާ ޕޮލިސް އަދި އެމްއެންޑީއެފާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

