މަހުޖަނުންނަށް އާސަންދައާއި އިނާޔަތް ދިނުން ހުއްޓައިލަން ޖެހޭ: ސަލީމް
ރާއްޖޭގައި އުޅޭ ތަނަވަސް މީހުންނަށް އާސަންދައާއި އެހެނިހެން އިނާޔަތްތައް ދިނުން ހުއްޓައިލަން ޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދައާއި ދައުލަތުންދޭ އެފަދަ އެހެން އިނާޔަތްތައް ލިބެން ޖެހޭނީ ނިކަމެތިންނަށް ކަމަށެވެ.
"މި ރާއްޖޭގައި އާސަންދައާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް، އަދި 65 އަހަރު ވީމާ އެ ލިބޭ 5000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް، ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓާލަން،" ސަލީމް ވިދާޅުވި އެވެ.
އެ މައުލޫގައި ވާހަކަ ދައްކަވަމުން ސަލީމް އިތުރަށް ވިދާޅުނީ މުއްސަނދިންގެ އަތުން އެކަށީގެންވާ ގޮތެއްގައި މުދަލު ޒަކާތް ނެގޭ ނަމަ ރާއްޖޭގައި ފަގީރުން ވެސް ނުތިބޭނެ ކަމަށެވެ. އެކަން ސާބިތު ކޮށްދެއްވުމަށް ސަލީމް ނެންގެވީ ޚަލީފާ، އުމަރު ބިން އަބްދުލް އަޒީޒުގެ މިސާލެވެ. އެބޭކަލުގެ އަޅުވެރިކަމުގެ ސަބަބުން އެ ދުވަސްވަރު ފަގީރުން ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.
"ރަނގަޅަށް ކަންތައް ކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ވެސް ފަގީރުންނެއް ނުތިބޭނެ. މި ރާއްޖއަކީ އެންމެ 4 ލައްކައެއްހައި މީހުން ތިބި ތަނެއް،" ސަލީމް ވިދާޅުވިއެވެ.
