ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފް ފަރުވާއަށް 7.13 މިލިއަން ދޫކޮށްފި
ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މިދިޔަ އަހަރު 4.78 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 7.13 މިލިއަން ރުފިޔާ، 93 ފަރާތަކަށް އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އޭގެ ތެރެއިން އައިވީއެފް ކާމިޔާބުވެފައި ވަނީ 23 ފަރާތެކެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ދައުލަތުގެ އެހީގައި އައިވީއެފް ފަރުވާ ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، އެހީއަށް އެދި ހުޅުވައިލައިފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

