މިދިޔަ ހަފްތާގައި ގެއްލުން ދިން އައްޑޫގެ މިސްކިތަށް އަނެއްކާވެސް ގެއްލުން ދީފި
ިމިދިޔަ ހަފްތާގައި ގެއްލުން ދިން އައްޑޫ ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރު ފާރޫގު މިސްކިތަށް އަނެއްކާވެސް ގެއްލުން ދީފި އެވެ.
އުމަރު ފާރޫގު މިސްކިތަށް އެންމެ ފުރަތަމަ ގެއްލުން ދިނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ވަނީ މިސްކިތުގައި ހުރި ނަމާދުކުރާ ގޮނޑިތަކާއި ފަންކާތައް އަދި އެހެނިހެން ތަކެއްޗަށް ގެއްލުން ދީފަ އެވެ.
އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް މިއަދުވެސް ވަނީ ހަމަ އެ މިސްކިތަށް ގެއްލުން ދީފަ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށް އެ މިސްކިތަށް ގެއްލުން ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ މިސްކިތުގެ ޗާންދަލިއާ އަށާއި ގަޑިއަށާއި އަދި ގަޑި ކައިރީގައި ހުރި ކަރަންޓު ބޯޑަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކުރިން އެ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ސާފެއް ނުވެއެވެ.
އައްޑޫގެ މިސްކިތަށް ގެއްލުން ދިންއިރު މާލޭގެ މިސްކިތަކަށް ވެސް މިދިޔަ ހަފްތާގައި ވަނީ ގެއްލުން ދީފަ އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކުރުމަށް ފަހު އެ މީހާ ފަހުން ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.

