ޚަބަރު

އެފްއޭއެމްއިން ފަލަސްތީނުގެ ޓީމަށް 300،000 ރުފިޔާ ހަދިޔާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަލަސްތީނުގެ ޓީމަށް 300،000 ރުފިޔާ ހަދިޔާކުރުން--

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން(އެފްއޭއެމް)އިން ފަލަސްތީނުގެ ޓީމަށް 300،000 ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.

އިސްރާއިލުގެ އަނިޔާވެރިކަމާ ހުރެ ކުރިމަތިވެފައިވާ ދަތިކަމާ ހުރެ އޭޝިއަން ޗެމްޕިއަން ލީގު(އޭއެފްސީ) ކަޕްއަށް ކޮލިފައި ވުމަށް ޕްރެކްޓިސް މެޗުތައް ކުޅެން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ރާއްޖެއައީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އަދި އެ ޓީމުން ރާއްޖޭގެ ޓީމާއެކު ރަހުމަތްތެރިކަމުގެ މެޗެެއް ކުޅުނުއިރު އެ މެޗުގެ ޓިކެޓް ވިއްކައިގެން 19،455.25 ޑޮލަރު ނުވަތަ 300،000ރ ރުފިޔާ ލިބުނު ކަމަށް އެފްއޭއެމްއިން ބުންޏެވެ.

ފަލަސްތީނުގެ ޓީމު މިއަދު ފުރާއިރު އެފްއޭއެމްއިން ވަނީ އެ ފައިސާ އެ ޓީމާ ހަވާލުކޮށްފަ އެވެ.

އެ ފައިސާއިން ފަލަސްތީނުގައި ފުޓުބޯޅަ ދިރުވަން މަސައްކަތް ކުރެވޭނެ ކަމަށް ވެސް އެފްއޭއެމްއިން ބުންޏެވެ.

ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ތިބުމުގެ ހަރަދުތަކަށް ރާއްޖޭގެ ސަރުކާރުން ވަނީ  546،000 ހާ ރުފިޔާ ހަމަޖައްސައިދީފަ އެވެ.

ފަލަސްތީނުގެ ޓީމުން އެ ގައުމުގައި ޕްރެކްޓިސްކުރުމުގައި ދަތިތައް ކުރިމަތިވެގެން އުޅޭނީ އިސްރާއިލުން ޣައްޒާގައި މިހާރު ހިންގަމުންދާ ގަތުލު އާންމާއި ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނުގެ މީހުންގެ ގެތައް ސުންނާފަތިކޮށް ހިންގަމުންދާ އޮޕަރޭޝަންތަކާ ގުޅިގެން ނެވެ.

އިސްރާއިލުން ޣައްޒާގެ އެތަކެއް ފުޓްބޯޅަ ކުޅުންތެރިންވެސް ޝަހީދުކޮށްލައިފައިވާ އިރު ފީފާއިން އިސްރާއިލް ސަސްޕެންޑްކުރަން ގޮވާލާ ގޮވުން ވަނީ ވަރަށް ބޮޑަށް އަޑު ގަދަވެފަ އެވެ.

އެހެން ނަމަވެސް މިހާތަނަށް ވެސް އިސްރާއިލާމެދު ފީފާއިން ފިޔަވަޅެއް ނާޅަ އެވެ.

Ads by Ooredoo