ހަމަނުޖެހުމެއްގައި ފުލުހަކު ކުއްޖަކަށް އަނިޔާކުރި މައްސަލައެއް
މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކެއް ކުޅުނު ފުޓްސަލް މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ހުކުރު ދުވަހު ރަށެއްގައި އޮތް ފުޓްސަލް ދަނޑެއްގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ އަމަލެއް ކޮށްފައިވާ މައްސަލަ އިއްޔެ ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފުލުހެއްގެ މައްޗަށް ތަހުގީގު ކުރެވޭ މައްސަލައަކަށް ވުމާ އެކު، އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާޑުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިކަން ހިނގި ރަށް ހާމަކޮށްފައި ނުވަނީ އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް އުނިކަމެއް އައިސްދާނެތީ އެވެ.

