މެމްބަރުންގެ ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަކަށް ނުދާ ގޮތަށް ހަދަން ފާސްކޮށްފި
ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭއިރު އެކަމުގައި ރައްޔިތުންގެ ވޯޓަކަށް ނުދާ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރީ ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ އޮތް 19ވަނަ މަޖިލީހުގައެވެ. ނަމަވެސް އެ އިސްލާހުތައް ތަސްދީގުކުރެއްވީ މި ވެރިކަމުގައި ރައީސް މުއިއްޒުއެވެ. އެކަމަކު އެއީ ގާނޫނު އަސާސީއާ ފުށޫ އަރާކަމެއް ކަމަށް ބުނެ ކުރިމަތިވި މައްސަލަތަކާ ގުޅިގެން މި ސަރުކާރުން ވަނީ ގާނޫނު އަސާސީގައި ވެސް ގޮނޑި ގެއްލޭ މާއްދާ ހިމެނޭ ބިލެއް ވައްދައި ފާސްކޮށްފައެވެ. އެ ބިލު ތަސްދީގުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އެކަމަކު އަނެއްކާ ވެސް ސަރުކާރުން ސްޕޮންސާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އޮތީ ގޮނޑި ގެއްލޭ މާއްދާ އިސްލާހުކުރަން ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެއީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ކަމަށް ކަނޑައެޅުމަށެވެ.
އެހެން ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރީ ފެންނަ ނުފެންނަ ވޯޓު ނަގަން ބިލުގައި ހިމެނި މާއްދާ އުނިކުރުމަށެވެ. އެ މާއްދާ އުނިކުރަން ހުށަހަޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
މަމްދޫހުގެ ހުށަހެޅުއްވުން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ހުށަހެޅުމާ ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ.
އެ މައްސަލައިގައި ދެން އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
