ޑެންގޫއާއި އިންފުލުއެންޒާ ހަލުވިކަމާ އެކު ފެތުރެނީ، ސަމާލުވޭ!
ޑެންގޫއާއި އިންފުލުއެންޒާ ހަލުވިކަމާ އެކު ފެތުރޭތީ ސަމާލުވުމަށް ކުޑަކުދިންގެ ޚާއްޞަ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ، ބައެއް ކުދިން ގައިގައި ރިއްސާ ނުހިނގޭ ވަރުވާކަމަށާއި އަދި ބައެއް ކުދިންގެ ޙާލު ސީރިއަސްވާކަމަށެވެ.
މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޑޮކްޓަރު ފައިސަލް ވަނީ އިރުޝާދު ދެއްވައިފައެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.
މީގެ އިތުރުން ޑޮކްޓަރު ވިދާޅުވީ، ހިންމަފުށި އަދި މާފުށިން ޑެންގޫ ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިން ގިނަ ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން މަދިރި އާލާވުމަށް މެދުވެރިވާ ހުރިހާ ކަމަކަށް ރައްކާތެރިވުން މުހިންމު ކަމަށާއި އޭގެ ތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަން، ފެން ނޭޅޭ ގޮތަށް ބަންދު ކުރުމާއި، ވިހާވެސް ބޮޑަށް ހަށިގަނޑު ނިވާވާނެހެން ފޭރާންލުމާ އަދި މަދިރި ގިނަވާ ވަގުތު ތަކުގައި ގޭގެ ދޮރުތައް ލައްޕައިފައި ބެހެއްޓުން މުހިންމު ކަމަށެވެ.
