ޑިޖިޓަލް ޕްލެޓްފޯމްތައް އަންހެނުންނާއި އަންހެންކުދިންނަށް ރައްކާތެރި ތަނަކަށް ހަދަން ޖެހޭ: ސާޖިދާ
ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މި އަހަރުގެ ޝިއާރު ބިނާވެފައި ވަނީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށެވެ.
އެކަމަށް ރިއާޔަތްކޮށް ސާޖިދާ އެކްސްގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، އަނިޔާ ލިބޭ ކޮންމެ އަންހެން ކުއްޖަކާއި އަންހެނެއްގެ ހައްގުގައި ވަކާލާތު ކުރާ ކަމަށެވެ. އަދި މިއަދުގެ މި ދުނިޔޭގައި ވެސް ތަފާތުކުރުންތަކާއި، އަނިޔާއާއި އެކިކަހަލަ ގަނާގެ ޝިކާރައަކަށް އަންހެނުން ވަމުންދާކަމީ އެކަމާ މެދު ވިސްނާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކޮށް އަންހެނުންނަށް ގޯނާ ކުރުމާއި ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށެވެ. އަދި އެކަމުގައި އެންމެން އެކުގައި މަސައްކަތްކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މާހައުލަކަށް ހަދަންޖެހޭ ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮންމެ އަންހެނަކަށް ވެސް ކަރާމާތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ހުދޫދުގެ ތެރެއިން މިނިވަންކަމާ އެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް"އަކީ އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ވެސް 25 ނޮވެމްބަރުން 10 ޑިސެމްބަރާއި ހަމައަށް ފާހަގަކުރާ ދުވަސްތަކެވެ.
