ޚަބަރު

މަހުޒޫމްއާއި ޝިމަންއަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަހުޒޫމްއާއި ޝިމަން--

މިދިޔަ އޭޕްރީލް މަހު މާލޭގެ ގެެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ޒުވާނުންތަކެއް މާލޭގައި ކުރި ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކުރީގެ ޔޫތުގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދުއާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

Ads by MPL

މަހުޒޫމްއާއި ޝިމަން ހައްޔަރުކުރީ މިދިޔަ މޭ މަހުގެ ކުރީކޮޅުއެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު ވެސް އޭރު ޖެހިއެވެ.

އަދި ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގަކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް މިދިޔަ ޖޫން މަހު ދެ ދައުވާއެއް އުފުލިއެވެ. އެގޮތުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާ މަހުޒޫމްގެ މައްޗަށް ކުރިއިރު ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

އެއީ އެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ ދެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީއާއި އެކު ދެ މީހުންގެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

Ads by HDC