ދިރާސީ އާ އަހަރު ފެށެންވާއިރަށް ފްލެޓްތަކަށް ވަދެވޭނެ: ރައީސް
އަންނަ ޖެނުއަރީ މަހު ފަހުކޮޅު ދިރާސީ އާ އަހަރު ފެށެން ވާއިރަށް މާލެ ސަރަހައްދުން ދޫކޮށްފައިވާ ފްލެޓްތަކަށް ވަދެވޭވަރު ވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފަށަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 27ގައެވެ.
ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ދޫކޮށްފައި ވަނީ ފްލެޓްތަކުގެ މަސައްކަތް ކޮޅެއްގައި ނުޖައްސައެވެ. ސަރުކާރުން ދަނީ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ ޖުލައި މަހު ހުރިހާ ފްލެޓަކަށް ވަދެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކަށް ފްލެޓްތަކަށް ނުވަދެ ވެއެވެ. އެކަމާ ގުޅިގެން މިރޭ މައްޗަންގޮޅީ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ބައްދަލުވުމުގައި ވަރަށް ގިނަ ރައްޔިތުން ސުވާލުކުރިއެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ މި ވަގުތު ފްލެޓްތަކަށް ކަރަންޓުލުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިހާރު ކުރަމުންދާ ކަމަށެވެ.
"އެފްޑީސީއިން މިހާރު ކަރަންޓު ގުޅަން ކުރަން ޖެހޭ ކަންކަން ކުރަމުން ދަނީ. މި ޑިސެމްބަރު މަހު ކުރިއަށް ވުރެ މަސައްކަތް ދުވެލި ހަލުވި ކުރެވިގެންދާނެ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑިސެމްބަރު މަހު ގިނަ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވި، އަންނަ ޖެނުއަރީ މަހު ދެން ހުރި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
"ސްކޫލް ހުޅުވެން ވާއިރަށް ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ. އެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެފްޑީސީއިން ދީފަ ވަނީ," ރައީސް ވިދާޅުވި އެވެ.
