ލަންކާއަށް އެރި ތޫފާނުގައި މިހާތަނަށް 69އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ރެއާ ހަމައަށް 69 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.
ލަންކާގެ ރަސްމީ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ތޫފާން ޑިޓްވާގައި މިހާތަނަށް 69އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވާ އިރު 34 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައި ވެއެވެ. އަދި 18000 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން މި ތޫފާނުގެ ސަބަބުން 3000 ގޭބިސީއަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު މި ތޫފާން ސަބަބުން ލަންކާގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، އެތައް އާއިލާއެއް ވަނީ ހާލުގައިޖެހިފައެވެ.
މި ތޫފާނާ ގުޅިގެން ލަންކާގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. ލަންކާގެ ހެލްތު މިނިސްޓަރު ޑރ. އަނިލް ޖަޔަސިންހު ރޭ ނެރުއްވި ރަސްމީ ބަޔާނެއްގައި، ކުއްލި ހާލަތު އިއުލާނު ކުރައްވައި، ސިއްހީ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރަށް ހިދުމަތް ދޭނެކަން ވަނީ ހާމަ ކުރައްވައިފައެވެ.
ދަ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓާ (ޑީއެމްސީ)އިން ހާމަކުރި ގޮތުގައި އެ ތޫފާން މިހާރު މިސްރާބު ޖަހައިފައި ހުރީ ސައުތު އިންޑިއާ އާ ދިމާލަށެވެ. އާދީއްތައާ ހަމައަށް އިންޑިއާގެ ތަމިލް ނާޑޫ ސްޓޭޓާ ހަމައަށް ތޫފާން ދަތުރު ކުރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
