ޚަބަރު

އެމްޑީޕީއަށް ދަތި ދުވަސްތަކެއް, އެކަމަކު އަރައިގަންނާނެ: ނަޝީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ޖަލްސާއެއްގައި

އިދިކޮޅު އެމްޑީޕީއަށް މި ވަގުތު ޖެހިފައި ވަނީ ދަތި ދުވަސްތަކެއް ކަމަށާއި ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެ ކަމަށް އެ ޕާޓީގެ އިސް ލީޑަރެއް ގޮތުގައި ދަހަރަކަށް ވުރެ ގިނަ އަހަރު ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MPL

ރިޔާސީ ޓިކެޓަށް އެމްޑީޕީގެ އެތެރޭގައި ވާދަވެރިކަން ބޮޑެވެ. އެކަމަށް އެކި ލީޑަރުން ތިއްބެވި އިރު، މައިގަނޑު ގޮތެއްގައި އޮތީ ދެ ފެކްޝަނެކެވެ.

އެއް ފެކްޝަނަކީ މިދިޔަ ދެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ. އޭގެ ކުރީގެ ދެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަޝީދާއި މިދިޔަ ހަފުތާ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒަކީ އަނެއް ފެކްޝަނެވެ.

ޗެއާޕާސަންގެ މަގާމު ހުސްވުމުން ވަގުތީ ޗެއާޕާސަނެއް ހޮވަން ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުން ހޫނުވެ، ވަގުތީ ޗެއާޕާސަނެއް ނުހޮވި ބައްދަލުވުން ނިންމައިލަން ޖެހުނެވެ. އަދި ފައްޔާޒު ރިޔާސީ އިންތިހާބަށް ނެރުއްވުމަށް ނަޝީދު ކުރައްވާ މަސައްކަތުން އެތެރޭގައި މިދިޔަ ދެ ހަފުތާ ދިޔައީ ވަރަށް ބޮޑެތި ޒުވާބުތަކާއި ދެބަސްވުންތައް ތެރެއިންނެވެ.

މި ކަންކަން ހިނގަމުން ދަނިކޮށް ނަޝީދު މިއަދު އެކްސްގައި ލިއުއްވީ "އެމްޑީޕީ މި ވަގުތު މި ދަނީ އުނދަގޫ ދުވަސްތަކެއް ތަޖުރިބާ ކުރަމުން" ކަމަށެވެ. "ނަމަވެސް އެ ކަމުން އެމްޑީޕީ އަރައިގަންނާނެ ކަމީ އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން" ކަމަށް ލިއުއްވައިފައިވެއެވެ.

މިއަދު އެމްޑީޕީގެ ގިނަ މެންބަރުން ބޭނުންވަނީ އެއްބައިވަންތަކަމާ އެކު ޕާޓީ ދެމިއޮންނަންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ދެން ނަޝީދު ފާހަގަކުރެއްވީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ހިނގި މޯޓަރު ބޯޓު ގަޑުބަޑުގެ ހާދިސާގައި އަމީން ވިދާޅުވި ބަސްފުޅެކެވެ. އެއީ އަމީންގެ ކެބިނެޓުގެ އެއްބައިވަންތަކަން މުހިންމުކަން ދޭހަކޮށްދިނުމުގެ ގޮތުން އެމަނިކުފާނު ވިދާޅުވި ބަސްފުޅެކެވެ.

"ކެބިނެޓުގެ އެކަކަށް ލިބުނު ގެއްލުމެއް އަނެކަކަށް ވެސް ލިބެން ޖެހޭނެ ކަމަށް," ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން ހަތަރު އަހަރު ކުރެއްވި ނަޝީދު ލިއުއްވައިފައިވެއެވެ.

ދެން އެމަނިކުފާނު ލިއުއްވީ އެ ހާދިސާގައި މޯޓަރު ބޯޓުގައި މުޅި ކެބިނެޓުގެ ކޮޅުނބަށް ވަޑައިގެން އެ ތަނުގައި އަހަރެއްހާ ދުވަހު ތިއްބެވި އިރު ހުސައިން ސަލާހުއްދީން ލިއުއްވި ބައިތެކެވެ.

"އުނިކަން ނުވާ މާތް ދޫފުޅުން، އެ ދުވަހު ވިދާޅުވީ ޔުނިޓީ އަކީ ފަހެ ހަސަދައާއި މަކަރަށް ނުވާނެބާ," ނަޝީދު ލިއުއްވައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!