އިންޑޮނޭޝިއާއަށް ބޯކޮށް ވާރާވެހި މަރުވި މީހުންގެ ޢަދަދު 300އަށް!
އޭޝިއާ ސަރަހައްދުގެ ޤައުމުތަކަށް ތޫފާނެއްގެ އަސަރުކޮށް، މިހާރު އިންޑޮނޭޝިއާއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 300އަށް ވުރެ މައްޗަށް އަރައިފިއެވެ.
ބޭރުގެ މީޑިއާތަކުގެ ރިޕޯޓްތައް ބުނާ ގޮތުން، އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާ ޕޮރޮވިންސަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، 100އަށް ވުރެ ގިނަ މީހުން ގެއްލިފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލި، އަނިޔާވި މީހުންގެ ޢަދަދު 500އަށް ވުރެ މަތިވާނެކަމަށް މީޑިއާތަކުން މަޢުލޫމާތުދެއެވެ.
އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތައް ބަންދު ވެފައިވާތީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.
