ޚަބަރު އިޖުތިމާޢީ

ކުޑަކުދިންނަށްކުރާ އަނިޔާއާ ގުޅޭ 101 މައްސަލައެއް މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ރިކޯޑްކުރެވިފައިވޭ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 101 މައްސަލައެއް މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ރިކޯޑްކުރެވިފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by STELCO

އެ ވުޒާރާއިން ޢާންމުކޮށްފައިވާ މަޢުލޫމާތުތައް ބުނާ ގޮތުން މި އަހަރުގެ މިހާތަނަށް ކުދިންނަށް އިޙްމާލުވެގެން 34 މައްސަލައެއް ރިފޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ. އަދި ޖިންސީ އަނިޔާގެ 23 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އެއީ ފިރިހެން ކުދިންނާ ގުޅުން ހުރި 06 މައްސަލައަކާއި އަންހެން ކުދިންނާ ގުޅުން ހުރި 17 މައްސަލައެއް ކަމަށް ޢާއިލީ ކަންކަމާ ބެހޭ ވުޒާރާގެ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ނަފްސާނީ އަނިޔާގެ 12 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލައަކާއި، އަދި ގެވެށި އަނިޔާގެ އަމަލެއް ކުރެވޭތަން ކުޑަކުއްޖަކަށް ފެނުމުގެ 04 މައްސަލައެއް ރިޕޯޓްކުރެވިފައި ވެއެވެ. ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން އެންމެ މަދުން ރިޕޯޓުކޮށްފައި ވަނީ 3 ބާވަތެއްގެ މައްސަލަތަކެކެވެ. އެއީ ބެލެކްމެއިލް ކުރުމުގެ މައްސަލަައަކާއި ގްރޫމް ކުރުމުގެ މައްސަލައަކާ އަދި ކުށަކަށް އަރައިގަތުމަށް ޖަމާޢަތުގައި ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ރިޕޯޓުގައިވެއެވެ.

ފާއިތުވި އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 މައްސަލައެއް ވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ރިޕޯޓްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!