މެދުރާއްޖެތެރެއާ އުތުރަށް މޫސުން ގޯސް، ގަދަވަޔާ އެކު ބޯކޮށް ވާރޭވެހޭނެ
މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްވާނެކަމަށާއި ގަދަވަޔާ އެކު ބޯކޮށްވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށްއޮތް 24 ގަޑިއިރު ވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ވަގުތުތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ދެކުނުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް 3 ދުވަސް މޫސުން ރަނގަޅުވާނެކަމަށާއި ނަމަވެސް އާދިއްތަ ދުވަހުން ފުށިގެން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

