ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ގާޟީ ފާއިޒު

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމައިފިއެވެ.

Ads by MPL

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފާއިޒުގެ މައްސަލަތަކެއް ބެލުމަށް ފަހު، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ބޭއްވީ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި، ޖޭއެސްސީން އެގޮތަށް ނިންމީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށާއި، އެހެންކަމުން ފާއިޒު ވަކިކުރުމަށް ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ފާއިޒުގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތީގެ މައްސްލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި މީހެއްގައި ބަންދާ މެދު ގޮތް ކަނޑައެޅުމުގައި ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އަމަލު ކުރުމެވެ. އަދި، އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހީމް އެކި ފަހަރު މަތިން ބަންދުން ދޫކޮށްލި މައްސަލަ ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!