ޚަބަރު

ތޫފާނުގެ ސަބަބުން ލަންކާއިން މަރުވި މީހުންގެ އަދަދު 410އަށް އަރައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ތޫފާން ޑިޓުވާގައި ލަންކާގައި ފެންބޮޑުވެފައި --

ތޫފާން ޑިޓުވާގައި ސްރީލަންކާއަށް ކުރި ވިއްސާރައިގައި، ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި 410 މީހުން މަރުވެ، 300އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފިއެވެ.

Ads by STELCO

މި ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އައްސޭރިފަށުގައި ހުރި ސަރަހައްދުތަކަށެވެ. އޭގެ ތެރެއިން ގަމްޕަހާ، ޕުއްތަލަމް އަދި މަންނާރު ފަދަ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވެއެވެ.

މި ތޫފާނުގެ ސަބަބުން ލަންކާގެ 25 ހިސާބަކުން 1.4 މިލިއަން މީހުންނަށް ގެއްލުން ވެފައިވާކަމަށް ލަންކާގެ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ގުދުރަތީ މި ކާރިސާގައި ލަންކާގެ 20،000އެއްހައި ގެ ވަނީ ނޫޅެވޭ ވަރަށް ހަލާކުވެފައެވެ. އަދި 60،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު މިހާރު ވަނީ އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފައެވެ. އަދި ރާއްޖޭގައި ހިންގި ޓެލެތޯނުން ލިބުނު 8 ލައްކައަށް ވުރެ ގިނަ ޔޫއެސްޑޮލަރު އެ ގައުމަށް ފޮނުވުމަށް ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ. ލަންކާ ރައްޔިތުން ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!