ޚަބަރު

ދިވެހި ތަރިކައިގެ ބައެއް ނަކަލު ތަރިކައާ ބެހޭ މިނިސްޓްރީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކުރި ދިވެހި ތަރިކައިގެ ބައެއް ނަކަލު ތަރިކައާ ބެހޭ މިނިސްޓްރީއާ މިއަދު ހަވާލުކުރައްވައިފިއެވެ.

Ads by MPL

ޕޮލިޓެކްނިކްގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީއާ އެ ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. އަދި ތަރިކައާ ބެހޭ މިނިސްޓްރީން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީހުގެ އިސްވާރު ކަށިމާ އަހުމަދު ޝާކިރުއެވެ.

ޕޮލިޓެކްނިކްގެ ފަރާތުން ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލެކެވެ.

ގުރުޒުގެ ނަކަލު ތައްޔާރުކުރެއްވީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީންނެވެ. ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރެއްވީ އެ އިދާރާގެ ފެޝަން ޑިޒައިނިންގ ފެކަލްޓީންނެވެ.

ޕޮލިޓެކްނިކްއިން ބުނީ އެ ތަކެތި މިނިސްޓްރީއާ ހަވާލުކުރީ މިނިސްޓްރީގެ އެދުމަކަށް ކަމަށެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ މަރުކަޒަށް ހުށަހެޅުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކޮށްފައިވާނީ އަސްލު ހެދުންކޮޅާއި އަސްލު ގުރުޒާ އެންމެ ގާތްކުރާގޮތަށް. އަޅުގަނޑުމެންނަށް މިކަހަލަ ފުރުސަތެއް ފުރަތަމަ ފަހަރަށް ލިބުނީމާ ވުޒާރާއިން ބޭނުންވާ ފެންވަރަށް މި މަސައްކަތް ކުރެވުނުކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މި ފުރުސަތު ދެއްވީތީ، ވަޒީރު އަދި ވުޒާރާގެ ޓީމަށް ޝުކުރު ދަންނަވަން،" ޒޫޝާން ވިދާޅުވިއެވެ.

Ads by HDC