ކައުންސިލް އިންތިހާބަށް އެމްޑީޕީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ނަޝީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީއަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް މެންބަރު އަނެއް މެންބަރާ އެކީގައި ކުރިއަށް ދާން ދަތިތަކެއް އެބަހުރިއެވެ. ނަމަވެސް ޕާޓީ ބައިބައި ނުވާނެހެން އެންމެން އެއްކޮށް ތިބެގެން ކުރިއަށް ދިއުމަށް މަސައްކަތްކުރުން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣަފޫރު އެފަދައިން ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ނަޝީދު އެކްސްގައި ޣަފޫރުއަށް މަރުހަބާ ކިއުއްވައި ޕާޓީގެ އެއްބައިވަންތަކަން އޮބަހެއްޓެވުމަށް ވަނީ ގޮވައިލައްވައިފައެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީއަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެ ފަދައިން ވިދާޅުވި އިރު މިއީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު އެމްޑީޕީން ވާދަކުރާ ފުރަތަމަ ބޮޑު އިންތިހާބެވެ.
މީގެ ކުރިން މިދިޔަ އަހަރު އެމްޑީޕީން މަޖިލިސް އިންތިހާބަށް ނުކުތްއިރު ރައީސް ނަޝީދު ހުންނެވީ އެމްޑީޕީން ވަކިވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގައެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވެސް ޑިމޮކްރެޓްސްއަށް ވެސް ބޮޑު ތަނުން އޮތީ ނާކާމިޔާބުވެފައެވެ.
