ޚަބަރު

ސަރުކާރުގެ އަމާޒަކީ މަސްވެރިކަން ފުޅާކޮށް،ފުރުސަތުތައް ފަހިކޮށްދިނުން: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަން ރާއްޖޭގައި މިހާރަށް ވުރެ އިތުރަށް ފުޅާކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވުމަށް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހިންނާ ލާމެހިފައިވާ ކަމަށެވެ.

އެ ދުވަހުއްސުރެ މިއަދާ ހަމައަށް ދިވެހިންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިންގެ މުރާލިކަމާއި ހުނަރާއި އާދަކާދައާއި ސަގާފަތް ގުޅިފައިވާ އެންމެ ފަހުރުވެރި އަދި ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށެވެ.

"ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ގައުމުގެ އިގުތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި މާތްاللهގެ ތަނަވަސް ރަހްމަތާއި މަދަދާއި ބަރަކާތް ދިވެހި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށްދެއްވުމަށް އެދި ދުއާކުރައްވައިފައެވެ.

Ads by HDC