މަސްވެރިން މިހާލަތަށް ވެއްޓުމުގެ ސަބަބަކީ މިއީ
ރާއްޖޭގެ މަސްވެރިކަމަކީ ދިވެހިންގެ އާދަކާދައާއި ސަގާފަތުގެ ބޮޑު ބައެކެވެ. ދިވެހިން މަހަށް ނުދާ ދުވަހެއް ތާރީހުން އެނގޭކަށް ނެތެވެ. ވެރިރަށް ،މާލެ ރަށެއްގެ ގޮތުގައި ނުއުފެދި ކުޑަ ފިނޮޅެއްގެ ގޮތުގައި އޮތް ދުވަސްވަރު ވެސް ދިވެހިން މަހަށް ގޮސް އުޅުނު ކަމުގެ ނިޝާންތައް އެބަހުއްޓެވެ. ދުނިޔޭގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މަަސްވެރިކަން ތަރައްގީވެފައި ވަނީ އެކި ސަރުކާރުތަކުން ދިން އެހީތެރިކަމުގެ ސަބަބުންނެވެ. ސަރުކާރުން މިހާތަނަށް ކޮށްދީފައިވާ ކަމަކީ މިފްކޯ ތަރައްގީކުރުމަށް ވުރެ މަސްވެރިންނަށް އެހީވުމެވެ. އެގޮތުން ކޮންމެ ވެރިއެއް ވެސް މަސްވެރިންނަށް އެހީތެރިކަން ދެއްވިއެވެ.
އެކި ތާރީޚްތަކާއި ނަންބަރުތަކަށް ޖެހިލާނަމެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ވާދަވެރި އިންތިޚާބެވެ. އެއްކޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަދަކޮށް "ހިންގާލާ ޓީމް"އާރާއިބާރާ އެކުގައެވެ. ރައީސް ނަޝީދާ ދެމެދު އޮތް އިންތިޚާބުގެ ވާދަވެރިކަމާ އެކު ގިނަ ބަޔަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނެވެ. މިގޮތުން އެ ޕްރައިމަރީގެ ކެމްޕޭން ތެރޭގައި އެކަނި 1،500 އާއި 3،000 ދެމެދުގެ ވަޒީފާ ބަހައިލިއެވެ. މަސްވެރީންގެ ޙައްގުގައި ނިކުމެ މިހާރު އެ ތިއްބެވި ގިނަ ބޭފުޅުން އޭރު ތިއްބެވީ މަސްވެރީންނަށް ވަޒީފާ ޗިޓް ދިނުމުގައެވެ.
މި ބަހައިލި ވަޒީފާތަކުގެ ތެރޭން ގިނަ ބަޔަކު ނެގީ ފެނަކަ ކުންފުންޏަށެވެ. ފެނަކަ ކުންފުނީގެ މެނޭޖްމަންޓްގެ ގަދަ ފައި އުފުރުނަ ނުދީ ހިފެހެއްޓީ އޭރުގެ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. ފެނަކައަށް ނުކަތާވަރަށް މުވައްޒަފުން ވައްދައި ދިވެހި މަސްވެރިކަން ހަވާލުކޮށްލިއެވެ.
ކުންފުނިތަކަށް މަސްވެރިން ވައްދައި އޮޑިފަހަރު ފައްތިޔައަށް
މިހާރު އެއް ނަމްބަރު ފާލަމުގެ ބޭރުގައި އިހުތިޖާޖު ކުރަމުންދާ ކަންނެލި މަސްވެރިކަމަށް ބެލިޔަސް އެކަން ފެނެއެވެ. ކުރިން ކަންނެލި މަސްވެރިކަމުގައި 380އަށް ވުރެ ގިނަ އޮޑިއޮވެއެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 200އަށް ވުރެ ދަށުގައެވެ. މި ހުރިހާ ދޯންޏެއް މަހަށް ނުފުރި ފަޅުގައި އަޅަން ޖެހުނު ސަބަބަކީ މަސްވެރި އޮޑިފަހަރުން މީހުން ބާލައި ފެނަކަ ފަދަ ކުންފުނިތަކަށް ވެއްދުމުންނެވެ. މި ގެއްލުން ދިނުމާ އެކު މަހަށް ނުފުރި ފަޅުގައި އޮޑިފަހަރު އޮންނަން ޖެހުމުގެ ޝަކުވާ އޮޑިވެރިން ކުރަން ފެށިއެވެ. މީގެ ހައްލަކަށް އެމްޑީޕީ ސަރުކާރުން ދިނީ މަސްވެރި އުޅަނދު ފަހަރަށް ބިދޭސީން ގެންނަން ކޯޓާ ދިނުމެވެ. މިގޮތުން ދޯންޏަކަށް އަށް ބިދޭސީން ގެންނަން ހުއްދަ ދިނެވެ. ނަތީޖާއަކަށްވީ އޮޑި ފަހަރުގެ ވަޒީފާތަކުގެ ބޮޑުބައި ބިދޭސީންނަށް ލިބުމެވެ. އަދި ކަންނެލި މަސްވެރިކަމުގެ އާމްދަނީގެ ބޮޑު ބައެއް ބޭރަށް ދާން ފެށުމެވެ. އެވްރެޖުކޮށް ދޯންޏެއްގައި 13 މުވައްޒަފުން އުޅޭއިރު މިހާރު މަސްވެރިކަމަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް އޮޑިން ބޭރުވަނީ ރާއްޖޭން ބޭރަށެވެ. އަދި ރާއްޖޭގައި އޮންނަނީ އެންމެ 20 ޕަަސެންޓެވެ.
ހަމަ އަގުދޭން ކިޔާފައި ބޮޑުއަގު ޖަހައި ޕްރައިވެޓް ސެކްޓަރު ހަލާކުކޮށްލި
މިވަރުން ނިމުނީއެއް ނޫނެވެ. މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ނަމުގައި މަހުގެ އަގު ބޮޑު ކުރުމުގެ ނަތީޖާއަކީ ޕްރައިވެޓް ސެކްޓަރު ހަލާކުވެ ފެކްޓަރީތައް ބަންދު ކުރަން ޖެހުމެވެ. ނަތީޖާއަކީ އެންސިސްއިން މަސްގަންނަ 20 މިލިއަން ޑޮލަރުގެ ފެކްޓަރީ ބަނގުރޫޓުވުމެވެ. ހޮރައިޒަން ފިޝަރީޒް ސްކޭލް ޑައުން ކުރަން ޖެހުމެވެ.
މި ބޮޑު ގެއްލުން ދިނުމުގެ ނަތީޖާއަކީ މަސްވެރިންނަށް އިންތިހާއަށް ގެއްލުންވުމެވެ. އަދި މި ގެއްލުމުގެ އަސަރު ކުންފުނިތަކަށް ވެސް ފޯރިއެވެ. ކަންނެލި މަސްވެރިކަމުގެ އިތުރުން ކަޅުބިލަ މަހުގެ މަސްވެރިކަން ވެސް ދިޔައީ ހަމަ މި ބީދައިންނެވެ. މަސްވެރިން އަތުން މަސް ގަންނަ އަދަދު 20ރ، އަށް އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިހާބަށް ހައެއްކަ މަސްވެފައިވަނިކޮށް ބޮޑު ކޮށްލިއެވެ. މިއާއެކު މިފްކޯއަށް ކިލޯއަކުން 12ރ. ގެ ގެއްލުމެއް ވިއެވެ. އަދި ބޮޑު ގެއްލުމެއްގައި ހިންގަމުން ދިޔަ މިފްކޯޢަށް މަސްވެރިންނަށް ފައިސާ ނުދެވި ބިލްތައް ނުދެއްކި ދިގުލައިގެން ދިޔައެވެ. ރިޔާސީ އިންތިހާބު ނިންމައި ބެލިއިރު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ގޮތުގައި 260 މިލިއަން ރުފިޔާގެ ބިލްތައް ހުއްޓެވެ. އަދި މަސްވެރިކަމުގެ ގާނޫނެއް ފާސްކުރިޔަސް އެ ގާނޫނު އޮތީ އަތް ނުލައި މަތާރަން ފިލާމަތީ ބާއްވައިފައެވެ. އެ ގާނޫނުން މަސްވެރިންނަށް ލިބުނު ފޮނި މީރުކަމެއް ނެތެވެ.
މަސްވެރީންނަށް ނުދެވި ދަރަނި ފޮތުގައި އޮތް ހުރިހައި ފައިސާއެއް ޚަލާސްކޮށް މިހާރު ވަނީ 48 ގަޑިއިރުތެރޭ ފައިސާ ދޭން ފަށައިފައެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހެދި މި ހާއްސަ އިންތިޒާމާ އެކު މަސްވެރިން މާލީ ނިޒާމުގެ ތެރެއަށް ވައްދައި މިހައިތަނަށް 40 އަށް ވުރެ ގިނަ މަސްވެރިން ވަނީ ބޭންކް ފައިނޭންސް ހޯދައިފައެެވެ. އަދި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަސްވެރިންނަށް ދައުލަތުން ފްލެޓު ލިބޭނެ ފުރުސަތު ތަނަވަސްކޮށްދޭން އުސޫލުގެ ތެރެއަށް ވެއްދިއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންނަށް މިހާރު އިހުތިޖާޖުކުރަމުންދާ މައްސަލައިގެ ހައްލު ހޯދަން ހުޅުމާލޭގައި ކަންނެލި ބަންދުކުރެވޭނެ ވަސީލަތް ފުޅާކުރަން އެދަނީ ތައްޔާރުވަމުންނެވެ.


