ލައިފްސްޓައިލް

ދަތްތައް ހުދުކޮށް ބަހައްޓަން މިއީ ކުރެވިދާނެ ތަފާތުކަމެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ދަތްތައް ހުދުކޮށް ބަހައްޓަން އެކި ކަހަލަ ކެމިކަލް ހުންނަ އެއްޗެހި ބޭނުން ކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ދަތް އުނގުޅާ ގިނަ ވައްތަރުގެ ބޭހުގައި ވެސް ކޮންމެ ވެސް ވަރަކަށް ކެމިކަލް އެކުލެވިގެންވެއެވެ.

Ads by STELCO

ޑެންޓިސްޓުންގެ ދިރާސާއަކުން ދައްކާ ގޮތުގައި، އެތަކެތި ބޭނުން ނުކޮށް، ގުދުރަތީ ތަކެތި ބޭނުންކޮށްގެން ވެސް ދަތްތައް ހުދުކޮށް ބަހައްޓަން މަސައްކަތް ކުރެވިދާނެއެވެ. އޭގެ ތެރޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމެނެއެވެ.

ދަތްތައް ހުދުކޮށް ބެހެއްޓުމަށް ކުރެވިދާނެ ތަފާތު އެއް ކަމަކީ ކްރަންޗީ ތަރުކާރީއާއި މޭވާ ހެފުމެވެ. އޭގެތެރޭގައި އާފަލު، ކެރެޓު އަދި ސެލެރީ ފަދަ ކާނާ ހިމެނެއެވެ. ޑެންޓިސްޓުން ބުނާ ގޮތުގައި އެފަދަ ކާތަކެތި ކެއުމުގެ ސަބަބުން ދަތްތަކުގައި ހުންނަ ޖަރާސީމުތައް ނެއްޓި، ކުޅު އުފެދެއެވެ. އެކަމުގެ ސަބަބުން އަމިއްލައަށް ދަތްތައް ސާފުވުމަށް މަގުފަހިކޮށްދެއެވެ.

ދޮންކެޔޮ ތޮށި ދަތްތަކުގައި އުނގުޅުމަކީ ވެސް ދަތްތައް ސާފުކޮށްދީ، ހުދުކޮށްދޭ ކަމެކެވެ. ތޮށިގަނޑުގެ އެތެރެ ބައި ދަތްތަކުގައި އުނގުޅުމުން އޭގައި ހުންނަ ޕޮޓޭސިއަމް އަދި މެގްނީޒިއަމްގެ ސަބަބުން ދަތްތަކުގެ ސަރފޭސް ސްޓެއިން ދަށްކޮދެއެވެ.

އިތުރު ކަމަކަށް ސަމާލުކަން ދޭންވީ ކަމަކީ، ދަތްތަކުގައި ކުލަ ހިފާފަދަ ބުއިންތައް ބޯއިރު ހޮޅި ބޭނުން ކުރުމެވެ. މިސާލަކަށް ކޮފީ، ސައި ނުވަތަ ސޮޑާ ފަދަ ތަކެތި ބޯއިރު ހޮޅި ބޭނުން ކުރުމުން ރަނގަޅުވާނެއެވެ.

ދަތްތައް މާބޮޑަށް ހަޑިވެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ޑެންޓިސްޓަކަށް ކޮންސަލްޓް ކުރުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދަތްތައް ހައިޖީންކޮށް ބަހައްޓަން ބޭނުންވާ ނަމަ މިފަދަ ހޯމް ރެމެޑީސް ބޭނުން ކުރެވިދާނެއެވެ.

Ads by HDC