އަރްޖުން ރާމްޕާލް އޭނާގެ 6 އަހަރުވީ ލޯބިވެރިޔާއާ އެންގޭޖުވެއްޖެ
ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ސައުތު އެފްރިކާގެ މޮޑެލް، ގެބްރިއެލް ޑެމެޓްރިއަޑްސްއާ ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އެންގޭޖުވެއްޖެއެވެ.
ބޮލީވުޑްގައި ފާހަގަކޮށްލެވޭ ރޯލުތަކެއް ކުޅެފައިވާ އަރްޖުން އެންގޭޖުވިކަން އިއުލާނުކޮށްފައި ވަނީ އެކްޓްރެސް ރިއާ ޗަކްރޮބަތީ ގެނެސްދޭ ޕޮޑްކާސްޓެއްގައެވެ.
އެ ދެ މީހުން ބައިވެރިތާ އެޕިސޯޑުގެ ޓީޒާއެއް ރިލީޒްކޮށްފައިވާއިރު، އެ ޓީޒާގައި ގެބްރިއެލް ބުނަނީ އަދި ކައިވެނި ކުރާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި އެންގޭޖުވިކަން މި އިއުލާނުކުރީ ފުރަތަމަ ފަހަރަށް އެ ޝޯގައިކަމަށް ވެސް ބުނެއެވެ.
އަރްޖުން އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި ދުރަންދަރް ފިލްމުންނެވެ. މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހާސިލްކުރަމުންދާ އެ ފިލްމުގައި އޭނާ ފެނިގެންދަނީ މޭޖާ އިގުބާލުގެ ރޯލުންނެވެ.
އަރްޖުން މީގެ ކުރިން ކައިވެނިކޮށްފައި ވަނީ ވެސް މޮޑެލްއަކާއެވެ. މެހެރް ޖެސިއާއާ ކައިވެނިކޮށްގެން އޭނާއަށް ދެ އަންހެން ކުދިން ވެސް ވަނީ ލިބިފައެވެ. އެ ކައިވެނި ރޫޅުނީ 2019ވަނަ އަހަރުއެވެ.
