ވިޔަފާރި

ވެމްކޯގެ މާލީ ހާލަތު ރަނގަޅުކޮށް ފައިދާ ނެރެފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ވެމްކޯގެ މަސައްކަތްތެރިންތަކެއް/ ފޮޓޯ: ވެމްކޯ

ވެމްކޯއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ ހާލަތު ބޮޑުތަނުން ރަނގަޅުކޮށް، ސާފު ފައިދާ %259 މައްޗަށް ޖައްސައިފިއެވެ.

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި މެނޭޖުކުރާ ކުންފުނި، ވެމްކޯގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅުކޮށްފައިވާ ކަމަށް ދައްކަނީ ޕީސީބީއިން ނެރުނު ސަރުކާރު ކުންފުނިތަކުގެ ރިޕޯޓުންނެވެ.

ސަރުކާރުން ބަޖެޓު ސަޕޯޓް ދީގެން ހިންގާ ގިނަ ކުންފުނިތަކަށް މި އަހަރު ގެއްލުމާ ކުރިމަތިވި ނަމަވެސް، ވެމްކޯއިން ވަނީ ފުރަތަމަ ކުއާޓަރުގައި 92.80 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 6.94 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު %7ގެ ކުރިއެރުމެކެވެ. މީގެ އިތުރުން ވެމްކޯއިން ވަނީ މި އަހަރު ބޮޑު ސާފު ފައިދާއެއް ވެސް ހޯދިފައެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި -26.70 މިލިއަން ރުފިޔާ ގެއްލުންވިނަމަވެސް، މި އަހަރު ވަނީ 69.24 މިލިއަން ރުފިޔާގެ ފައިދާއެއް ނެރެފައެވެ. މިއީ %259 ގެ އިތުރުވުމެކެވެ.

މި ކުއާޓަރުގައި ވެމްކޯގެ އެސެޓު ވެސް ވަނީ އިތުރުވެފައެވެ. ވެމްކޯއަކީ މިހާރު 470 މިލިއަން ރުފިޔާގެ އެސެޓް ހުރި ކުންފުންޏެވެ. މިއީ މިދިޔަ އަހަރު އެ ކުންފުނީގެ އެސްޓުގެ އަގުގެ ގޮތުގައި ހުރި 436 މިލިއަން ރުފިޔާއާ އަޅާބަލާއިރު %8 ގެ އިތުރުވުމެކެވެ.

Ads by HDC