އަޒްމީލުގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު
ހުޅުމާލެ ބައު އިންޖީނުގޭ އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވި ހ. ސަވާ, އަޙްމަދު އަޒްމީލް (42އ)ގެ ހަށިގަނޑު ރާއްޖެ ގެނެސް، މިރޭ ޖަނާޒާ ބޭއްވުމަށް ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ، މިރޭ އިޝާ ނަމާދަށް ފަހު އަޒްމީލްގެ ޖަނާޒާ ބޭއްވުމަށް، އޭނާގެ ޢާއިލާއިން ނިންމައިފައިވާ ކަމަށާއި ޖަނާޒާ އޮންނާނީ މަސްޖިދު ޒައިދު ބިން ޘާބިތް (ހުޅުމާލެ ސަހަރާ މިސްކިތް)ގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ޖަނާޒާގައި ބައިވެރިވެ ދެއްވުން އެދޭކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ފާއިތުވި ނޮވެމްބަރު މަހު 26ވަނަ ދުވަހު އަޒްމީލު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް ބެންކޮކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

