ޚަބަރު

އެއާކޯގެ ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ޤައުމީ ދިފާއީ ބާރު، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނީ، މި ބޯޓުތައް ހިފަހައްޓާފައި ވަނީ ސަރަހައްދީ ޤައުމުތަކުން ހިއްސާކުރި މަޢުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މަޢުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް ދިފާއީ ބާރު، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައި ކަމަށާއި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މިކަމާ ގުޅޭ ތަހުޤީޤުތައް ކުރަމުން ކަމަށް ދިފާއީ ބާރުން ބުނެއެވެ.