މަނާކުރި ފަހުން މިހާތަނަށް 73000އަށް ވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓައިފި
އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން ހިފެހެއްޓި، ވޭޕްގެ ސާމާނުތަކުގެ ތަފާސް ހިސާބު ކަސްޓަމްސްއިން މިއަދު ހާމަކޮށްފިއެެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73000އަށް ވުރެ ގިނަ ވޭޕްގެ ސާމާނާއި 24 މިލިއަން ރުފިޔާގެ ސިނގިރެޓް ހިފަހައްޓައިފައިވާ ކަމަށެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާޙު ގެނެސް، މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. އެއާ އެކު އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވޭޕްގެ ބާވަތްތަކާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ ނުވަތަ ހިލޭ ދީފި ނަމަ އެފަދަ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމުގެ ގާނޫނުގެ ދަށުން 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

