ބާރްތީ ދެވަނަ ދަރިފުޅު ވިހައިފި
އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ސިންގްހްއަށް ދެވަނަ ކުއްޖަކު ލިބިއްޖެއެވެ.
ބާރްތީ އަދި ފިރިމީހާ ހަރްޝް ލިމްބާޗިއާއަށް އިއްޔެ ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަކީ ވެސް ފިރިހެން ކުއްޖެކެވެ.
ބާރްތީ އިއްޔެ ހޮސްޕޮޓަލަށް ގެންގޮސްފައި ވަނީ 'ކަލާސް ޓީވީ'އިން ގެނެސްދޭ މަޝްހޫރު ޝޯ، 'ލާފްޓާ ޝެފްސް'ގެ ޝޫޓިއަށް ދިއުމަށް ތައްޔާރު ވަނިކޮށް، ބަނޑުގައި ރިއްސައިގަނެގެންނެވެ.
އެ ޝޯގެ މީގެ ކުރީގެ ސީޒަންތައް ވެސް ހޯސްޓްކޮށްދީފައި ވަނީ ބާރްތީއެވެ. ތިންވަނަ ސީޒަން މިމަހު ފެށުނުއިރު އޭނާ ހުރީ ބަނޑުބޮޑުވެފައެވެ.
ބާރްތީ ވިހެއިކަން އިއުލާނުކުރީ ވެސް އެ ޝޯގެ ބައިވެރިންނެވެ. އެގޮތުން އިއްޔެ އޮތް ޝޯގެ ޝޫޓިން ފެށުމުގެ ކުރިން ޝޯގެ ބައެއް ބައިވެރިން ވަނީ ޕަޕަރާޒީންނާ ވާހަކަ ދައްކަމުން އެކަން ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ އެންމެ މަޝްހޫރު އަންހެން ކޮމެޑިއަން ބާރްތީ އަދި ހަރްޝް ކައިވެނި ކުރީ ޑިސެމްބަރު 2017ގައެވެ. ފުރަތަމަ ދަރިފުޅު، ލަކްޝް ލިމްބާޗިއާ ލިބުނީ އޭޕްރީލް 2022ގައެވެ.
ބާރްތީގެ އިތުރުން ހަރްޝްއަކީ ވެސް އެކި ޝޯތައް ޕްރޮޑިއުސްކޮށް، ހޯސްޓް ކޮށްދޭ މީކެވެ. އޭނާ މިހާރު ހޯސްޓްކުރަނީ 'ސޮނީ ޓީވީ' އިން ގެނެސްދޭ 'އިންޑިއާސް ގޮޓް ޓެލެންޓް' ޝޯއެވެ. މި ދެމަފިރިންނަކީ ވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި ނަން މަޝްހޫރު ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކޮށްފައިވާ ދެމީހުންނެވެ.

