ޚަބަރު

ވައިބަރ އެކައުންޓް ހެކްކޮށް ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގައިފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، އުމުރުން 22 އަހަރުގެ ޙުސައިން ފާރިޝް ޢުމަރުއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 17ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ޖުމުލަ ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، އުމުރުން 39 އަހަރުގެ ޙަސަން އަޒުރާޙު އާއި ގ. މާލޭހިޔާ 1-16-03 / މާލެ، އުމުރުން 33 އަހަރުގެ އަޙްމަދު ޙައްސާން އާއި ނ. މަނަދޫ / ވެށި، އުމުރުން 33 އަހަރުގެ ޙުސައިން ސަމާޙުއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by Allied Insurance