ޚަބަރު

 ކުޅުދުއްފުށީ ފެމެލީ ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު (އެފްސީއެސްސީ) ތަރައްގީކުރުމުގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަށައިފިއެވެ.

Ads by STELCO

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން އާރްޑީސީން ހދ. ކުޅުދުއްފުށީގައި ހުންނަ އެފްސީއެސްސީގެ މާހައުލު ހިތްގައިމު ތަނަކަށް ހެދުމުގެ މަސައްކަތުގެތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެ ސެންޓަރަށް އިތުރު ކުރެވުނު 3000 އަކަފޫޓުގެ ބިމުގެ ވަށާފާރު ރޭނުމާއި، އަމާން ހިޔާ އިމާރާތާ ދެމެދު ވޯކްވޭއެއް އެޅުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ސަރަހައްދުގައި 2 ހަޓް ގާއިމުކުރުން ހިމެނެއެވެ.

ކުޅުދުއްފުށީ އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއި، އާއިލާއާ ރީއިންޓަގްރޭޓް ކުރެވެންދެން އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސެންޓަރުގައި ރައްކާތެރިކަން ހޯދާ ފަރާތްތަކުން އަނބުރާ މުޖުތަމައުއަށް ދާން ތައްޔާރުވުމުން، އެފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރަކީ 2007ވަނަ އަހަރު ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން، ލާމަރުކަޒީ އުސޫލުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ޔުނިސެފާއި، ސަރުކާރު ހިއްސާވާގޮތަށް ފެށި މަސައްކަތުން ހުޅުވައިފައިވާ ސެންޓަރެކެވެ.

Ads by Allied Insurance