ބޯކޮށް ވާރޭވެހި ފޭދޫގައި ފެން ބޮޑުވެއްޖެ
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫގެ ގުލޫޓަން ސަރަޙައްދުގައި ފެން ބޮޑުވެއެޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، ފޭދޫގެ ފެން ބޮޑުވި ހިސާބުން ފެން ހިންދުމުގެ މަސައްކަތުގައި ދިފާއީ ބާރުގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ސިޓީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ޕަންޕުގެ އެހީގައި ބޮޑު ބަޔަކުން ފެން ހިނދާފައިވާ ކަމަށާއި ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައެވެ. ހަމައެހެންމެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

