މަކަރާއި ހީލަތުން 50،000 ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި
އެކި ދުވަސްމަތިން މަކާރާއި ހީލަތުން ، އޮޅުވައިލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވައިލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާތީ ކަމަށެވެ. އަދި ފުލުހުންނަށް ހުށަހަޅައިފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން މި ޑިސެންބަރު މަހުގެ 24ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މި މައްސަލައިގައި މިހައިތަނަށް ބެލިބެލިމުން އޭނާ ވަނީ 2025 މެއި މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000އަށް ވުރެ ގިނަ ރުފިޔާ ހޯދާފައި ކަމަށާއި އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވައިފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާތައް ނަގައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

