އައިއެސްއަށް ތާޢީދުކޮށް، އެ ޖަމާޢަތުގެ ކަންކަން ފެތުރުމުގެ ކުށް ސާބިތުވެ 23 އަހަރަށް ޖަލަށް
ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން، 2022ވަނަ އަހަރު ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް އުފުލައިފައިވާ 3 ދައުވާއެއް ސާބިތުވެ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
2015ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހާ ހަމައަށް ތަފާތު އެކި ދުވަސްމަތިން، އެކި ނަންނަމުގައި ޝޯޝަލް މީޑިއާގެ އެޕްލިކޭޝަންތަކުގައި އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގެ އިތުރުން، ޓެރަރިޒަމްއާ ގުޅުން ހުރި ވަކިވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް، 5 ދަޢުވާއެއް މިއަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހު، ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
ހަމައެހެންމެ، މި މައްސަލައިގައި އޭނާގެ މައްޗަށް 3 ދަޢުވާ ސާބިތުވި ނަމަވެސް އަނެއް 2 ދަޢުވާ ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އެއީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.
އެގޮތުން ހޫދުގެ މައްޗަށް ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އުފުލި ދައުވާ ވެސް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވުމުން 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. މިއާ އެކު އޭނާއަށް ވަނީ ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ 23 އަހަރުގެ ޖަލު ޙުކްމްއެއް އިއްވައިފައެވެ.

