އަންނަ ރޯދަމަހު 30 ހާފިޒުން ދަސްވެނި ވާނެ
އަންނަ ރޯދަމަހުގެ 27 ވިލޭރޭ ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާގައި 30 ހާފިޒުން ދަސްވެނި ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާއެއް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. އެ ޖަލްސާގައި، ކޮންމެ އަހަރެއްގެ ރޯދަމަހުގެ 27 ވިލޭރޭ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާ އޮންނާނެ ކަމަށް މިނިސްޓަރު ވަނީ އިއުލާނުކުރައްވއިފައެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ މި އަހަރުގެ މިހައިތަނަށް 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށް، އިމްތިހާނު ހަދައިފައިވާ ކަމަށެވެ. އަދި 7 ކުއްޖަކު މިހާރު އިމްތިހާނު ހަދަމުންދާއިރު، 1 ކުއްޖަކު އިމްތިހާނު ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މިދިޔަ އަހަރަށް ވުރެ ގިނަ ހާފިޒުން މިއަހަރު ދަސްވެނި ވާނެއެވެ. މިދިޔަ އަހަރު ދަސްވެނި ވެފައި ވަނީ 24 ހާފިޒުންނެވެ. އަދި އަންނަ އަހަރު 42 ހާފިޒަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

