ޚަބަރު

މީސްމީޑިއާގައި އަންހެނުންނަށްކުރާ ފުރައްސާރަ އިތުރު: ޢާއިޝަތު ޝިހާމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މީސްމީޑިއާއަކީ ފުރައްސާރަ ކުރުމުގެ އައު ވަޞީލަތެއް ކަމަށާއި ޚާއްޞަކޮށް މީސްމީޑިއާގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، މީސްމީޑިއާގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވުމުގެ ސަބަބުން އެކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެމްޕެއިނެއް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ. އަދި އަންހެނުންނަށް އޮންނަ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ, ސަރުކާރުން އަނިޔާލިބޭ އަންހެނުންނަށް ރައްކާތެރި މާޙައުލެއް ހޯދައި ދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ދަށުން، ޑޮމެސްޓިކް ވައިލެންސް ސެންޓަރުތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އައްޑޫ ސިޓީގައި ތަރައްޤީ ކުރާ ސެންޓަރުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ހުޅުމާލޭގެ ސެންޓަރު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ރ. އަތޮޅު އުނގޫފާރުގައި ވެސް ޑޮމެސްޓިކް ވައިލެންސް ސެންޓަރެއް ތަރައްޤީކުރުމުގެ ކަންކަން ކުރެވެމުންދާ ކަމަށް ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!