ޚަބަރު

އުކުޅަހު ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

އއ. އުކުޅަހު ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފިއެވެ.

Ads by STELCO

މި ހިދުމަތް ފަށައިފައި ވަނީ އެ ރަށުގެ ސިއްހީ މަރުކަޒުގައި އެ ކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ސިއްހީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ މެންބަރުންނާއި، ސިއްހީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި އެރަށު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.

ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން އުކުޅަހު ރައްޔިތުން ވެސް ދާންޖެހެނީ، އެ ހިދުމަތް ލިބޭ އަތޮޅުގެ ކޮންމެ ވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ހިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުސަތު ލިބުމާ އެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.

މީގެ އިތުރުން، އޭގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ މައްސަލަތައް ފަދަ ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާ ގުޅުން ހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ވެސް މި ލެބޯޓްރީގެ ސަބަބުން މަގުފަހި ވެގެންދާނެއެވެ.

އުކުޅަހު ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށައިފައިވާ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by Ooredoo