ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ސަނީ ދިރިއުޅުނު ތަން ބަލައި ފާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަނީ ދިރިއުޅުނު ތަން ބަލާފާސްކުރުމަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ނެެރެގެން ގެންދަނީ--

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހުސެއިން ސަނީ އުމަރު ދިރިއުޅުނު އެޕާޓްމަންޓް ބަލައިފާސްކޮށްފިއެވެ.

Ads by STELCO
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރި ކުރަމުންދިޔަ ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލުމުން، ފިލައިން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ޖެހިގެން އައި ދުވަހު އަނެއްކާ ވެސް އޭނާ ހައްޔަރުކޮށް، 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހުމަށް ފަހު މިދިޔަ ހުކުރު ދުވަހު ވަނީ އޭނާ ޝަރީއަތް ނިމިގެންދެން ބަންދުކޮށްފައެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުން ބަލައި ފާސްކުރީ ސަނީ ދިރިއުޅުނު ހ. ސިޓްރަސްގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ސަނީ އެ ގެއިން ނުކުމެގެން ދިޔައިރު ގޭގެ މީހުން އޭނާގެ ގަޔަށް އަތްލަން ވެސް މަސައްކަތްކުރިއެވެ.

ސަނީގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނިމިގެން ދިޔަ ހަފްތާގައި ބުނީ އެ މައްސަލައިގައި ކުރިއެރުންތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ސަނީގެ އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންނެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ވެސް ފަހުން އެ މައްސަލަ އޮތީ ފުލުހުންނަށް ހުށަހަޅައިފައެވެ.

އެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ސަނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ގައިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށައިފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.