ދުނިޔެ

އިންޑިއާގެ ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރެއިން ފުރަތަމަ އޭއައި ކްލިނިކް އިފްތިތާހުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ސަރުކާރުން ހިންގާ ސިއްހީ ނިޒާމުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައާރަފުކުރުމުގެ ގޮތުން، ގްރޭޓަރ ނޮއިޑާގައި ހުންނަ ގަވަރމަންޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޖީއައިއެމްއެސް) ގައި ފުރަތަމަ ފަހަރަށް އޭއައި ކްލިނިކެއް ހުޅުވައިފިއެވެ. މިއީ އެ ގައުމުގެ އާންމު ސިއްހީ އުމްރާނީ ވަސީލަތްތަކުގެ ތެރެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފުކޮށް، ބަލިތައް ދެނެގަތުމާއި ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by Creative Network

މި ކްލިނިކް މެދުވެރިކޮށް ކެންސަރު ބައްޔާއި، ހިތުގެ ބަލިތަކާއި، ކިޑްނީ އަދި ފުރަމޭގެ ބަލިތައް ކުރިއާލާ ދެނެގަތުމަށް މަގުފަހިވާނެއެވެ. ޖީއައިއެމްއެސްގެ ޑައިރެކްޓަރު ބްރިގޭޑިއަރ (ޑރ) ރާކޭޝް ކުމާރު ގުޕްތާ ވިދާޅުވި ގޮތުގައި، އޭއައި ބޭނުންކޮށްގެން ލޭގެ ތަހުލީލުތަކާއި، އެކްސް-ރޭ، ސީޓީ ސްކޭން އަދި އެމްއާރްއައި ފަދަ އިމޭޖިންގް ޓެސްޓުތައް މާ އަވަހަށް އަދި މާ ސައްހަކޮށް ދެނެގަނެވޭނެއެވެ. "މިއީ އާންމު ރައްޔިތުންނާއި ޑޮކްޓަރުންނަށް މިފަދަ އައު އީޖާދުތަކުގެ ފައިދާ ފޯރުކޮށްދިނުމަށް މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑައިގްނޯސްޓިކްސް އަދި ޕްރެސިޝަން މެޑިސިން

އޭއައި ކްލިނިކްތަކުން އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ ރޭޑިއޮލޮޖީ އަދި ޕެތޮލޮޖީގެ ދާއިރާއިންނެވެ. އޭއައި އެލްގޮރިދަމްތައް ބޭނުންކޮށްގެން ކަށި ބިނދުމާއި، ފުއްޕާމޭގެ މައްސަލަތައް އަދި ކުދި ޓިއުމަރުތައް އާންމު ގޮތްގޮތަށްވުރެ %40 އަވަހަށް ދެނެގަނެވޭނެއެވެ. މީގެ އިތުރުން، ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ކުރީކޮޅު ދެނެގަނެވުމުން، ބަލިމީހުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ބަލި ދެނެގަތުމުގެ އިތުރުން، ކޮންމެ ބަލިމީހަކަށް ވަކިން ހާއްސަކޮށްގެން ފަރުވާ ކަނޑައެޅުމުގައިވެސް އޭއައި މުހިންމު ދައުރެއް އަދާކުރެއެވެ. ބަލިމީހާގެ މެޑިކަލް ހިސްޓްރީއާއި، ދިރިއުޅުމުގެ އާދަކާދައާއި ޖެނެޓިކް މައުލޫމާތު ދިރާސާކޮށްގެން، އެންމެ އެކަށީގެންވާ ބޭހުގެ މިންވަރާއި ފަރުވާގެ ގޮތްތައް އޭއައި މެދުވެރިކޮށް ލަފާދެއެވެ. އޮންކޮލޮޖީ ނުވަތަ ކެންސަރުގެ ފަރުވާގައި މިގޮތަށް އޭއައި ބޭނުންކުރުމުން ކާމިޔާބީގެ ނިސްބަތް %20 އާއި %25 އާ ދެމެދު އިތުރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސިއްހީ ހިދުމަތް ފުޅާކުރުން

މި އިސްނެގުމުގެ ސަބަބުން ހާއްސަ ބަލިތަކުގެ ޑޮކްޓަރުން މަދު ދުރު ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބުމަށް މަގުފަހިވާނެއެވެ. އޭއައި ސިސްޓަމްތަކުން ވަގުތުން ވަގުތަށް ބަލިމީހާގެ މައުލޫމާތު ދިރާސާކޮށް، ޑޮކްޓަރުންނަށް ނިންމުންތައް ނިންމުމުގައި އެހީތެރިވެދެއެވެ. އަދި އޭއައި ބޭނުންކުރާ ވެއަރަބަލް ޑިވައިސްތަކުން ބަލިމީހާގެ ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ބަލައި، އެއްވެސް ނުރައްކަލެއް އުޅޭނަމަ ވަގުތުން ސިއްހީ އެހީތެރިންނަށް އަންގައިދެއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާ ފަދަ ގައުމުތަކުގައި އޭއައި ފުޅާދާއިރާއެއްގައި ބޭނުންކުރި ނަމަވެސް، އިންޑިއާގެ މި ފިޔަވަޅަކީ ސީދާ ސަރުކާރުގެ އާންމު ސިއްހީ ނިޒާމުގެ ތެރެއަށް މި ޓެކްނޮލޮޖީ ގެނައި ފުރަތަމަ ފަހަރެވެ. މިއީ ކުރިމަގުގައި މުޅި ގައުމުގައި މިފަދަ ކްލިނިކްތައް ގާއިމުކުރުމަށް އެކުލަވާލާ ގައުމީ އުސޫލުތަކަށް ލިބިގެންދާނެ މުހިންމު ނަމޫނާއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!