ސްޓެލްކޯއިން ވަކިކުރި ޝަމާހުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަނީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.
ޝަމާހުއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މައްސަލައިގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ޝަމާހު އިއްޔެ ކުއްލި ގޮތަކަށް ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރުމަށް ފަހު އެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒުވަރުއާއެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަޒުވަރު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ، ޕްރޮކިއުމެންޓްގެ ހެޑަކަށް ހުންނެވި އަޒުހަދު ރަމީޒު މަގާމުން ވަކިކުރުމެވެ.
ޝަމާހު މަގާމުން ވަކިކުރިފަހުން އިއްޔެ ވަނީ އޭނާ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ލީކުވެފައެވެ. އެ އޯޑިއޯގައި ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ ކުންފުނީގެ ތެރެއިން ކޮރަޕްޝަން ހިންގާކަމަށް ދޭހަވާ ވާހަކަތަކެއް ދައްކައިފައެވެ. އަދި އޭނާގެ "ކުޅިވަރު" އެންމެ ރަނގަޅަށް އެނގޭނީ މަގާމުން ވަކިކުރި އަޒުހަދު އަދި ސާއިދަށް ކަމަށް ވެސް ބުނެއެވެ.
އަޒުހަދު މަގާމުން ވަކިކުރުމަށް ފަހު ޕްރޮކިއުމެންޓްގެ ވެރިޔަކަށް މިހާރު އައްޔަންކޮށްފައި ވަނީ ބިއުރޯގެ ހެޑަކަށް ހުރި އަސްފާ ހުސެއިންއާއެވެ.

