ޚަބަރު ރައްޔިތުންގެ މަޖިލިސް

ލަންކާ އިމިގްރޭޝަނަށް ފާޑުކިޔުމުން މިނިސްޓަރު ހަލީލް މަޖިލީހަށް ހާޒިރުކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ހަލީލް މަޖިލީހުގައި

ދިވެހިންނާ މެދު ސްރީލަންކާގެ އިމިގްރޭޝަނުން ތަފާތުކުރުން ގެންގުޅެ، އިހާނެތިކޮށް ހިތާ ކަމަށް ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވި މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލްއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by STELCO

ލަންކާގެ "ޑެއިލީ ނިއުސް"އަށް މަސްއޫދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި، ލަންކާ އިމްގްރޭޝަނުން ނަސްލީ ތަފާތުކުރުންތައް ވެސް ދިވެހިންނާ މެދު ގެންގުޅޭ ކަމަށެވެ.

އެ މައްސަލައިގައި މިނިސްޓަރު ހަލީލާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްއެވެ. އޭނާ ހުށަހަޅުއްވައިފައި ވަނީ، ޑިޕްލޮމެސީ އާއި ބައިލެޓްރަކް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް، މިހާ ފާޅުގައި އަވަށްޓެރި އެހެން ގައުމުތަކާ "ޖެހިގަތުމަކީ" އެންމެ ރަނގަޅު އުސޫލުތޯ ސުވާލު ކުރެއްވުމަށެވެ.

މަސްއޫދު އެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ ދިވެހިން ކިޔޫގައި ހެނދުނު 9:00އިން ހަވީރު 5:00އަށް ތިބޭ ކަމަށާއި ނަމަވެސް އިސްކަން ދެނީ ހަމުގެ ކުލަ ދޮން މީހުންނަށް ކަމަށެވެ. ދިވެހިންނަށް ވިސާ ލިބުމުގައި ވަރަށް ދިގު މުއްދަތެއް ހޭދަވާ ކަމަށްވެސް ވިދާޅުވިއެވެ.

Ads by Ooredoo