ޚަބަރު

އީފާސް 2.0 މި އަހަރު ނެރެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު--

ދައުލަތުގެ އެކި ހިދުމަތްތައް ހޯދަން އާންމުން ބޭނުންކުރަމުން އަންނަ ވެބް ޕްލެޓްފޯމް، އީފާސްގެ އާ ވާޝަންއެއް މި އަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ކިނާނަތު ވިދާޅުވީ އީފާސްގެ ދެވަނަ ވާޝަން ނެރޭނީ ވަރަށް އެޑްވާންސް ފީޗާސްތަކާ އެކީ ކަމަށެެވެ. އެ ގޮތުން ދެވަނަ ވާޝަންގައި 10 އަހަރުން ދަށުގެ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް ވަދެވޭނެ ކަމަށާއި ބޭނުންވަނީ އީފާސް ބޭނުންކުރާ މީހުން އިތުރުކުރުމަށް ކަމަށް ވެސް ކިނާނަތު ވިދާޅުވިއެވެ.

"އީފާސްއަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ އެއްޗެއް. މިހާރު އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސް ދައްކާގޮތުން 272,000އަށް ވުރެ ގިނަ ފަރާތްތަކުން ދަނީ އީފާސް ބޭނުންކުރަމުން." ކިނާނަތު ވިދާޅުވިއެވެ.

ސްޓޭޓް ވިދާޅުވީ މި އައު ބަދަލާ އެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށެވެ.

އީފާސްއަކީ 2012ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެއް ކަމަށެވެ. ނަމަވެސް 10އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެ ޕްލެޓްފޯމްގެ އާ ވާޝަންއެއް މިހައިތަނަށް ވެސް އޮތީ ތައާރަފްނުކޮށެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ ނޭޝަނަލް ސޮވްރިންގ ކްލައުޑުގެ ކޮންސެޕްޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޑާޓާ އެކްސްޖޭންގް ކުރުމަށް ވަކި ޚާއްސަ ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން ސްޓޭޓް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!