ޚަބަރު

ރަސްފަންނު މޫދުން ތޫނު އިތާތަކެއް ފެނިއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ގި ބަޔަކު މޫދަށް އެރޭ ރަސްފަންނު މޫދުން ޕެން ކްލޭމްސް ނުވަތަ ތޫނު އިތާތަކެއް ފެނިއްޖެއެވެ.

Ads by STELCO

އެ ސަރަހައްދުގައި ތޫނު އިތާތަކެއް ވަޅުލެވިފައި ހުރިކަން ފާހަގަވެގެން އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، އަލީ މުސްތަފާއެވެ.

މުސަތަފާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ރަސްފަންނު މޫދުގައި ފީނަނިކޮށް، އިތާތަކެއް ވަޅުލެވިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭނާ ވަނީ އިތާތައް ހުރި ސަރަހައްދު ވެސް ފާހަގަކޮށްފައެވެ. އެގޮތުން ފަޔަށް ގެއްލުން ވެދާނެ ފަދަ އެ އިތާތައް ވަޅުލެވިފައި ހުރީ ރަސްފަންނުގައި ހުންނަ ޕެވިލިއަންއާ ދިމާލުން އެއްގަނޑު ތޮށިގަނޑާ ހަމައަށެވެ.

މުސްތަފާ ވިދާޅުވީ ޕެވިލިއަން ކައިރީ އެ އެއްޗެހި ހުރީ މޫދު އަޑިން، ކުޑަ ތަންކޮޅެއް ވެލިގަނޑު މައްޗަށް އަރާފައި ކަމަށާއި، އިތާތަކަށް ފައިން އެރިއްޖެ ނަމަ ފައި ހަލާކުވުން ފަދަ ކަމެއް ވެދާނެ ކަމަށެވެ.

"ހިކިފައި އޮންނައިރު ވަރަށް ގިނަ ބަޔަކު މިތަނުން ހިނގައި އުޅޭނެ. އެހެންވީމައި ހުސްފަޔާ އުޅޭނަމަ، ތަންކޮޅެއް ސަމާލުވޭ،" މުސްތަފާގެ ޕޯސްޓުގައިވެއެވެ.

އެ ސަރަހައްދަކީ މޫދު ކަސްރަތު ކްލާސްތައް ވެސް ހިންގާ ސަރަހައްދެކެވެ. އަދި ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް މޫދަށް އެރޭ ސަރަހައްދެއް ކަމުން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!