އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު، މޯދީއަށް ތަހުނިޔާ ފޮނުއްވައިފި
މިއަދު ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 26ވަނަ ދުވަސް، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1950ވަނަ އަހަރު، އެ ޤައުމުގެ ގާނޫނު އަސާސީ ތަންފީޒުކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
އެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު، މޯދީއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، ދެ ގައުމުގެ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ފެންނާން ހުރި ތަރައްގީ ފަހުރުވެރިކަމާ އެކު ހަނދާންކުރައްވައިފައެވެ. އަދި ބޮޑުވަޒީރު މޯދީގެ ބެއްލެވުމުގެ ދަށުން، ސަރަޙައްދީ ފެންވަރުގައި އިންޑިއާއިން ދައްކާ އިސްނެގުން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، ދެ ޤައުމުން މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، ޢަމަލީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމުގެ އަޒުމުގައި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންޑިއާއިން ދެއްވާ އެއްބާރުލުމުގެ އަގު ވަޒަންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ދެ ލީޑަރުންނަށް ވެސް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ރައީސް މުރްމުއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަން ބިނާކޮށްފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، އިހުތިރާމާއި ފަހުމުވުންތަކުގެ ބިންގަލުގެ މަތީގައިކަމަށް ވިދާޅުވެފައި ވެއެވެ.



އުނބައްޖެހި …. މިނޫނީ ނުދެކެން!!