އަމާން މުޖުތަމައުއެއް ބިނާކުރުމުގައި ފުލުހުން އަބަދުވެސް ދެމި އޮންނާނެ: ޕޮލިސް ކޮމިޝަނަރު
ސްކޫލުތަކާ ގުޅިގެން އަމާން މުޖުތަމައުއެއް ބިނާކުރުމުގައި ފުލުހުން އަބަދުވެސް ދެމި އޮންނާނެކަމަށް ޕޮލިސް ކޮމިޝަނަރު(ސީޕީ) އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
އެ ޔަގީންކަން ސީޕީ ދެއްވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތާ ގުޅިގެން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
ސީފީ ވަނީ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން އަދި އާންމު ރައްޔިތުން ގުޅިގެން، ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ކުރާ ދަތުރަކީ އަމާން އަދި އުފާވެރި ދަތުރަކަށް ހެދުމަށް މަސައްކަތްކުރުމަށް ހުރިހާ ފަރުދުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ވަކިން ހާއްސަކޮށް، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވައިފައެވެ.
"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައްޔާއި، އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތް އަބަދުވެސް ދެމިއޮންނާނެ." ސީޕީ ވިދާޅުވިއެވެ.
ސީޕީގެ މެސެޖުގައި ވަނީ ދިރާސީ އައު އަހަރެއް ފެށުމަކީ އައު އުއްމީދުތަކަކާއި، އައު އަޒުމްތަކަކާއި އަދި ކުރިއަށް ދިއުމަށް އައު ފުރުސަތުތަކެއް ލިބިގެންދާ މުހިންމު ވަގުތެއްކަން ފާހަގަކުރައްވައިފައެވެ.
"މިއީ ތިޔަ ކުދިންގެ މުޅި ހަޔާތަށް ބޭނުންވާނެ މުހިންމު ސިފަތަކާއި އިލްމު އުނގެނުމަށް ލިބޭ އަގުހުރި ފުރުސަތެއް."ސީޕީ އިތުރަށް ވިދާޅުވިއެވެ.
ސީޕީ ވަނީ ތައުލީމަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ އެއީ އަހުލާގާއި، އަދަބުވެރިކަމާއި، ޒިންމާ އުފުލުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްކުރުން ކަމަށް ވެސް ވިދާޅުވެފައެވެ.
މި ސިފަތަކަކީ އަމާން އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއްކަން ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218އެއްހާ ސްކޫލްގައި 77000އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދާނެއެވެ.


