ޚަބަރު

ޗާގޯސް މަސައްލައިގައި އިބޫ ފޮނުވި ސިޓީ އަނބުރާ ގެނެސް، މައްސަލަ ބަލަން ކޮމިޝަނެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނީ --

ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެނެސް، ކަނޑުން ބައެއް ގެއްލުނު މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ގޯދަން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އެންގުމަށް ވިލަރެސް ކޮމިޓީން މަސައްކަތްތަކެއްކޮށް، އެކަމާ ބެހޭ ރިޕޯޓު މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށާއި، ކަމާ ބެހޭ މާހިރުން އެ ރިޕޯޓަށް ދީފައިވާ ލަފާތަކަށް ބިނާކޮށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް)ގެ ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން އިޓްލޮސްގައި ނެގި ސްޓޭންޑްތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި، އެ ސްޓޭންޑުތައް ނެގި ސަބަބުން އޮޅުންފިލުވުމަށާއި، ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަަޅު އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މޮރިޝަސްއަށްވުތެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ މަޝްވަރާތަކެއް ކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

މޮރިޝަސް އިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ދޫދީފައިވާ ކަމަށް މިސަރުކާރުގެ ވެރިން ގަބޫލުކުރެއެވެ. ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.