ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ވޯކް ފްރޮމް ހޯމްގެ ފުރުސަތު

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ނުކުޅެދުންތެރިން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސަރުކާރުގެ ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި ވެސް ތަފާތުކުރުން ނުގެންގުޅޭ ސިޔާސަތުގެ ދަށުން، ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުން އެންމެ ފުޅާ މިނެއްގައި މިއަހަރު ތަންފީޒު ކުރަން ފައްޓަވާނެ ކަމަށެވެ.

އެގޮތުން ކުރާ މުހިންމު އެއް މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އަނެއް ކަމަަކަށް ފާހަގަކުރެއްވީ، ސްކޫލުގައި ކިޔަވާ އެފަދަ ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތާއި، ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި، ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ވަކި ގަވާއިދުތަކެއް ދަށުން އެކުދިންނަށް ހޯމް ސްކޫލިން ޕާތްވޭ ފަހިކޮށްދިނުމަށް ގާނޫނު އިސްލާހު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބިލު މަޖިލީހުގެ މިފެށުނު ދައުރުގައި ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެފަދަ ކުދިންނަށް ބޭނުންވާ ހާއްސަ ކްލާސްރޫމްތަކާއި، އެ ކުދިންގެ ހާލަތަށް ރިއާޔަތްކޮށް ޕްރައިވެސީ ލިބޭނެ ފާހާނާ ފަދަ ހާއްސަ އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތަކާއި، އުނގެނުމާއި އުނގަންނައި ދިނުމަށް ބޭނުން ވަސީލަތްތަކާއި އިތުރު ވަސީލަތްތައް ނެތް ހުރިހާ ސްކޫލެއްގައި އެކަން މި އަހަރުތެރޭ ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުކުރުމުގެ މަސައްކަތް މިއަދު ފަށައި، ވަކިވަކި މާއްދާތަކަށް ބޭނުންވާ ފޮތްތައް ތައްޔާރު ކުރުމާއި، ޓީޗަރުން ތަމްރީނު ކުރުމުގެ އިތުރުން ގުރުއާން ހިފްޒުކުރުމުގެ މަގު ވެސް ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގަ އިވެސް އަދުލުވެރިކަން ގާއިމްކުރުން. ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑު ކުރިމަތީގައި ހަމަހަމަ. އެކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމްވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!