ފޭސްބުކް މާކެޓްޕްލޭސްގައި އޮޅުވާލައިގެން ފައިސާ ފޭރޭ ބިދޭސީއަކު ހައްޔަރު ކޮށްފި
ފޭސްބުކް މާކެޓްޕްލޭސްގައި މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ ބިދޭސީ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ނޭޕާލު ރައްޔިތެއް ކަމަށްވާ އުމުރުން 23 އަހަރުގެ ނަކުލް ކޭ ސީ ކިޔާ މީހެކެވެ.
ފުލުހުން ބުނީ މިމަހުގެ ހަތްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ މީހަކު އަތުން އޮޅުވާލައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ކަމަށެވެ.
އޭނާގެ އެފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.


